Maldives in still mode

ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު, ނެރުއްވައިދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު

Posted in Thaana by Mohamed Abdulla Shafeeg on July 4, 2011

بســم اللّـه الرّحمـن الرّحيــم

މުޙަންމަދު ޝަފީޤު، މޯޑް އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު ވާހަކަ ފެށުމުގެ ކުރީގައި، މުޙަންމަދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. މި ފޮތަކީ ނުލިބި އޮތް ފޮތެއްކަމުން އަދި ނުއުފެދި އޮތް އެއްޗެއް ކަމަށްވެގެން، މިކަމުގެ ހިތްބަރުކަމާ އެކީގައި އަޅުގަނޑު ޝަކުވާ ބަންނަތާ ދުވަސްކޮޅެއް ވެއްޖެ. މި ރާއްޖޭގައި ހިނގައި މިދިޔަ މުހިންމު ކަންތަކާ ގުޅޭ ހަމަ އެންމެ ފޮތެއްވެސް، އެކަކަށްވެސް ލިޔެވިފައި ނެތުނީތީވެ. ދެން އަޅުގަނޑު އެއްވެސް ހާލެއްގައި ބޭފުޅުން ދެރަކުރާކަށެއް ނޫން. އެކަމަކު އަޅުގަނޑުމެން ދެމީހުންނަށްވެސް، މުޙަންމަދު އެބަ ސާފުކޮށް އެނގޭ، އެ ރޭޑިޔޯ ޕްރޮގްރާމެއްގެ ފަސޭހަކަމާއި، ޓީ.ވީ ޕްރޮގްރާމެއް، ޗެޓް ޝޯއެއްގެ ފަސޭހަކަން. ދެފަރާތުގައި ކެމެރާ ބަހައްޓާފައި، ހަމަ އިށީނދެ ފަށަނީ. އެހެން ނަމަވެސް، ޙަޤީޤީ ފަންނަކީ އަދިވެސް ހަމަ ގަނޑުގައި ޤަލަމުން ލިޔުން. ޙަޤީޤީ ފަންނަކީ ލިޔުންތެރިކަން. ޙަޤީޤީ ފަންނަކީ ފޮތެއް ލިޔުމަށް ކުރެވޭ މަސައްކަތް. އަދި އެ ބޮޑު މަސައްކަތް، ކާމިޔާބުކަމާ އެކީގައި ގެނެސް، ނިންމާލުމުގެ ހިތްވަރު.

އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ، ފޮތެއް ނިންމާލުމަށް ކުރަންޖެހޭހާ މަސައްކަތާއި، އުޅެންޖެހޭހާ ދަތި ގޮތްތަކާއި އަދި ނިދިނެތި ޙަޤީޤަތުގައި ދާހާ ގިނަ ރޭތައް. މުޙަންމަދު ފޮތް ނިންމުމަށްފަހު، އަޅުގަނޑު ގާތުގައި ފޮތް ކިޔާލަން ދެއްވާފައި، މުޙަންމަދު ބުނުއްވި، ދީބާޖާއެއްގެ ވާހަކަ. ދެން އަޅުގަނޑު އެ ބަލަން ކިތަންމެ ދުވަހަކު އިނދެފައި، މުޙަންމަދު ކައިރިއަކު އަޅުގަނޑެއް މިވާހަކައެއް މިގޮތަކަށެއް ނުދަންނަވަން. އަޅުގަނޑަށް ހީވަނީ މުޙަންމަދަށްވެސް ވަރަށް ބޮޑަށް ސާފުކޮށް އެނގިލައްވާނެހެން، މޮޓަރު ބޯޑުގެ ގަޑުބަޑު. މޮޓަރު ބޯޑު ގަޑުބަޑުގެ ދީބާޖާއެއް އޮންނާނެ، އިބްރާހީމް ޝިހާބް ލިޔުއްވާފައި. އެއީ މޮޓަރު ބޯޑު ގަޑުބަޑުގެ ފަހުން އެއީ މުޙަންމަދު އިސްމާޢީލްދީދީގެ ފޮތް. އިބްރާހީމް ޝިހާބް އެ ދީބާޖާ ލިޔުއްވީ، މޮޓަރު ބޯޑު ގަޑުބަޑުގެ 20 އަހަރު ފަހުންނޭ އަޅުގަނޑު ހަނދާންވަނީ. އެއަށްވުރެވެސް ގިނަދުވަސް ވިއްޔާވާނީ. އެހެންވީމާ، އޮތް ދީބާޖާއެއް ލިޔެވެން އިބްރާހީމް ޝިހާބަށް. ދެން އަޅުގަނޑު ހިތަށްއެރި، މިއަދު އަޅުގަނޑު މިކަމާ ގުޅޭގޮތުން އެއްޗެއް ދަންނަވަންޏާ އުޅެންޏާ، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކަ މިއީ ވަގުތުގެ އަޖަލުގައި ޖެހި، އަޅުގަނޑުމެންނަށް ބުނާން އުޅޭ އެތި ސާފުކޮށް ނުބުނެވި ހިނގައިދާނޭ. އެހެންވީމާ، މިކަން ކުރަން އެންމެ ރަނގަޅު މީހަކީ އަޅުގަނޑެއް ނޫނޭ. އަޅުގަނޑު ވަރަށް ކުރާން ބޭނުންވާ ކަމެއް. އެހެން ނަމަވެސް، އެކަން ކުރުމަށް އެންމެ އެކަށީގެންވާ މީހަކީ އަޅުގަނޑު ނޫން ކަމަށް އަޅުގަނޑަށް ފެނުނީތީ، ލަފާކުރެވުނީތީ، އަޅުގަނޑަށް އެކަމުން އިޢްތިރާޒުވީ. އަޅުގަނޑު އެހެން ބޭފުޅަކު އެކަން ކުރުމަށް މުޙަންމަދު ކިބައިން އެދުނީ.

ކޮންމެއަކަސް މިފޮތް މިއޮތީ ނިމިފައި. އަދި އަޅުގަނޑުމެންނަށް މިހާރު މިފޮތް މިއޮތީ ކިޔާލާން ލިބިފައި. އަޅުގަނޑަށް ފެންނަ ފެނުމުގައި، ޑިމޮކްރަސީ ނޫން ތަނަކަށް، އިންސާނިއްޔަތަކަށް ނުދެވޭނެ. ތަޤްދީރު އަބަދުވެސް ކުރަހަނީ ރަނގަޅު ގޮތް. ފިޠުރަޠުގެ އުޞޫލަކީ، ގޮސް އެންމެފަހުން އިންސާނާއަށް އެންމެ ރަނގަޅު ގޮތް ފެނުން. އެއީ ވަމުން ވަމުން ގޮސް، ވެވެން އޮތް ހަމައެކަނި ގޮތްވުން. ވެވެން އޮންނާނެ ހަމައެކަނި ގޮތަކީ ރަނގަޅުވުން. އިންސާނިއްޔަތު ފެށުނީއްސުރެ ފަށައިގެންވެސް މިޞްރާބު ޖަހާފައި މިވަނީ ރަނގަޅާ ދިމާއަށް. ރަނގަޅު ލިބެނީ ކޮންކަމެއް މެދުވެރިވެގެންތޯ، ކޮން ސަބަބަކާހުރެތޯ، އެއީ އަބަދުވެސް އަޅުގަނޑުމެން ކުރާ ސުވާލެއް. ހުއްޓި ހުންނަ ވަގުތުގެ ސަބަބުން، އެ ސަބަބު މެދުވެރިވީގޮތާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ސަބަބުތައް ފެނޭ. އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ، ސަބަބެއް މި މެދުވެރިވަނީ، އެތައް ސަބަބެއް ގުޅި، އެއް ސަބަބު، އަނެއް ސަބަބާ ގުޅިގެން، ލާމެހިގެން އައިސްކަން ކަމެއް މިވަނީ. ކޮންމެ ކަމެއްވެސް ވުމަށް ތަޤްދީރު އެބަ މެދުވެރިކުރޭ، ޙާލަތްތަކަކާއި، ކަންކަމާއި އަދި ބައެއްފަހަރަށް މީހުންވެސް. އެކަމެއް ވަނީ އެނޫން ގޮތެއްވާން ނެތުނީމާ. އެމީހަކު އެކަމެއް ކުރަނީ، އެނޫން ކަމެއް އެމީހަކަށް ކުރެވޭން ޙަޤީޤަތުގައި ތަޤްދީރު ދިމާކޮށްފައި ނެތުނީމާ. އަޅުގަނޑު ކުރި ކަމަކަށްވިޔަސް އަދި މިތަނުން އަޅުގަނޑަށް ފެންނަ އެހެން ބޭފުޅަކު ކުރެއްވި ކަމަކަށްވިޔަސް، އަޅުގަނޑަށް ވަރަށް އުނދަގޫވޭ އަޞްލު މާބޮޑު ކެމެރާތައް ކުރިމަތީ ހުންނާތީ އިނގޭތޯ. އަދި އެހެން ބޭފުޅަކު ކުރެއްވި ކަމަކަށްވީ ނަމަވެސް، އެކަމެއް އެބޭފުޅަކު އެވަގުތެއްގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ކުރައްވާފައި އެއޮތީ، އެކަން އެބޭފުޅާއަށް އެކަން ކުރުމަށް ތަޤްދީރު އައިސް މެދުވެރިކުރީތީވެ.

ކާލް މާކްސް، މީގެ އަނެއްކޮޅަށް، ތަންކޮޅެއް ކުރީގައި ލިޔުއްވާފައި އޮއްވައި އަޅުގަނޑު ކިޔިން، [ހިސްޓޯރިކަލް އިންއެވިޓަބިލިޓީ އޮފް ކޮމިއުނިޒަމް] އެއީ ކޮންމެ ގޮތެއްވިޔަސްވެސް، އިންސާނިއްޔަތު ދަތުރު މިކުރަނީ، ކޮމިއުނިޒަމާ ދިމާއަށޭ. އެހެންވީމާ، ގޮސް ދުނިޔެ ހުއްޓޭނީ، ނިމޭނީ މުޅި އުންމަތް، މުޅި އިންސާނިއްޔަތު، އެ ނިޒާމަށް ބަދަލުވެގެންނޭ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ދާދި އަވަހަށް އެ ނިޒާމް ތަޢާރުފްވެ، އެ ފަލްސަފާ ތަޢާރުފްވިތާ 70 އަހަރުވީތަނާ، ދެން ބޮޑަށް ސާފުވާން ފެށީ ޙަޤީޤަތުގައި އިންސާނިއްޔަތު ދަތުރު މިކުރަނީ ޑިމޮކްރަސީގެ ރިވެތި މަގަށޭ. ގޮސް ހުއްޓެނީ، ގޮސް ނިމެނީ، އެ ހުއްޓުމަށޭ، ނިމުމަށޭ، ޑިމޮކްރަސީއަށޭ. އަޅުގަނޑުމެންނަށް ޑިމޮކްރަސީއަކީ ކޮބައިކަން އެބަ އަބަދުވެސް ބަޙުޘް ކުރެވިދާނެ. މީގެ ދުވަސްކޮޅެއް ކުރީގައި، އަޅުގަނޑު ގާތުގައި އަހާލިނަމަ، އަޅުގަނޑު ބުނީމުސް، ތަޅައިނުގަންނަންޏާ އެންމެ ރަނގަޅޭ. އިދިފުށަށް ބިޑި ނާޅަންޏާ، ދެން އެވަރުން ފުދެއޭ. ތިޔަބޭފުޅާގެ ޚުޝާމަދު ނޫން އެއްޗެއް ނުލިޔުނީމާ، ދެން އެކުރައްވާވަރު ނުކުރައްވަނިކޮށްވެސް ހަމަ ފުދެއޭ. އެއިރު އަޅުގަނޑުމެން ދުށީ ޑިމޮކްރަސީއަކީ ގަނޑެއްގައި އެއްޗެއް ލިޔެލުމުގެ ފުރްޞަތު އޮތުން ކަމަށް.

އަޅުގަނޑުމެންނަށް، އަޅުގަނޑަށް ޔަޤީން، މުޙަންމަދަށް، ވަކިން ޚާއްޞަކޮށް، އަދި މި ބައެއް އެއްކައިރީގައި، [ހަވާސާ] ގައި ލިޔަމުން އައި އަޅުގަނޑުމެންގެ ބާވަތުގެ ބައެއް ބޭފުޅުން ހަމަ ވަރަށް މެއިން ސްޓްރީމްގައި ލިޔުއްވަމުން ގެންދެވި. އެބޭފުޅުންނަކަށް ހުއްޓުމެއް، ހުރަހެއް، އުނދަގުލެއް ނުވެސް ނެތް. އަދި އެބޭފުޅުންނަކަށް ހުރަހަކާ ދިމާވާކަށް ނުމެވެސްޖެހޭ. އެހެން ނަމަވެސް، ރާއްޖޭގެ ވަރަށްގިނަ ޢަދަދެއްގެ ލިޔުންތެރިން، ވަރަށް ހާލުގައި ލިޔަމުން އައި. އަދި ނުލިޔެވިވެސް އެލިޔުންތެރިން ތިބި. އަޅުގަނޑުމެންނަށް މިއަދު މިފެންނަ ފޮތް، މިގޮތަށް މިފެންނަނީ، އަޅުގަނޑަށް ފެންނަ ގޮތުގައި، ފެންނަ ފެނުމުގައި، އެންމެ ފުރަތަމަ ދަރަޖައިގައި ލިޔުންތެރިން ވަރަށްގިނަ މަސައްކަތް، ޚިޔާލުފާޅުކުރުމަށްޓަކައި ކުރީތީއޭ. އަޅުގަނޑުމެންނަށް ފަށައިގަނެވުނު ހުރިހާ މަސައްކަތެއްވެސް، ޙަޤީޤަތުގައި ފަށައިގަނެވިފައިވާނީ ލިޔުމުގެ ޒަރީޢާއިން. ދެން ރައްޔިތުންގެ ޚާއްޞަ މަޖިލިސް އުފެދުމާ އެކީގައި، އަދި މިނިވަން ބަޙުޘްތަކާ އެކުގައި، އަޅުގަނޑުމެންނަށް ވާހަކަ ދެއްކުން، އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެގެން އެއިރުގައި ދާން ފެށީ، އަޅުގަނޑު މިތަނުން ހަނދާންވޭ ވެސްޓް ޕާކްގައި ނަގާފައި އިން ފޮޓޯއެއް، ދެންމެ އަޅުގަނޑަށް ފެނުނު. އަޅުގަނޑުވެސް ހަނދާންވޭ، އެއީ ފުރަތަމަ އަޅުގަނޑު ހަމަގައިމުވެސް ހުއްދައަކާނުލައި ޢާންމު ތަނެއްގައި ވާހަކަ ދެއްކި ދުވަހެއް. އެހެންވީމާ، އެއީ އަޅުގަނޑުމެންނަށް ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ދުވަހެއް. ފޮޓޯތައް ބަލަމުންދާއިރުގައި، މުޙަންމަދު އަޅުގަނޑު ގާތުގައި ބުނޭ، މުޙަންމަދު ޓަރނިންގ ޕޮއިންޓެއްގެ ގޮތުގައި ނުވަތަ މުޅި ކަންތައް އެނބުރުން ފޮޓޯއެއްގެ ގޮތުގައި ފާހަގަވަނީ އީވާން ނަސީމްގެ ފޮޓޯއޭ. އެއަކު އަޅުގަނޑު ހިތުން ގިނަ މީހުން އެކަމަކާއެއް އިންކާރެއް ނުކުރާނެ. އީވާން ނަސީމްގެ ފޮޓޯ.

ދެން އަޅުގަނޑުމެން މިހިތަށްއަރަނީ، އަޅުގަނޑު ހިތަށްއަރަނީ، އީވާން ނަސީމްގެ ފޮޓޯގެ ކުރީގައި އަދި ހުންނާނޭ، އެހެން ފޮޓޯއެއް، އޭންގަލަށް ނަގާފައި ހުރި ފޮޓޯއެއް. އަދި އީވާން ނަސީމް މަރުވެފައި އޮތް ފޮޓޯގެ ކުރީގައި، އިންޖީނުގޭގައި އޭންގަލަށް ނަގާފައި ހުރި ފޮޓޯއެއް އޮންނާނޭ. އަދި ޢަބްދުﷲ ޕާޕާ ތަޅަނިކޮށް ހުރި ފޮޓޯއެއްވެސް އޮންނާނޭ. ޙަޤީޤަތުގައި އެފޮޓޯވެސް އެބައޮތް. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަމަކު އެ މަރުގެ، މަރުވެފައި އޮތް ފޮޓޯ، މި މައިގަނޑު މިބަދަލުގެ ފޮޓޯއެއްގެ ގޮތުގައި މިފެނުނީ. އެ ފޮޓޯ ބޭރަށް ނުކުތްކަން، އެހެން ނަމަވެސް، އެބާވަތުގެ ކިތަންމެ ފޮޓޯއެއް އެދުވަހާ ހަމައަށް ޖެހުނުއިރު އަޅުގަނޑުމެންނަށް ފެނިއްޖެ. އެހެންވީމާ، އެފޮޓޯގެ ޙާލަތު، އެދުވަސް، އެވަގުތު، އެކަން މެދުވެރިވިގޮތް، އެހުރިހާ އެއްޗެއް ހަމަ އެއްވެފައި އޮތީތީވެ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެފޮޓޯ ފެނިގެން އައީ. ޖަލުގައި މީހުން މަރުވުމަށްފަހުގައި، މާލެ ގެނެސް ވަޅުލާ ކިތަންމެ ފަހަރަކު، އީވާން ނަސީމް ގެނައި ދުވަހު، މަރުވެގެން ހަށިގަނޑު ގެނެވުނު ދުވަހު، އަޅުގަނޑު ހަނދާންވާ ގޮތުގައި، މަރިޔަމް މަނިކެ، އޭނަގެ ފޮތިގަނޑު ދަމައިގަތީ. ދަމައިގަތީމާ އެފޮޓޯ ފެނުނީ. އެހެންވީމާ، އަޅުގަނޑު ބައެއްފަހަރު ހިތަށްއަރާ، މަރިޔަމް މަނިކެ ފޮތިގަނޑު ދަމައިގަތް ފޮޓޯ އެއީ ޚާއްޞަ ފޮޓޯއެކޭ. އަޅުގަނޑުމެން މިހެން ކިޔާން ވެއްޖެއްޔާ، އަޞްލު ފޮޓޯ އެއީ ކޮން ފޮޓޯއެއްތޯ، އަޞްލު ޙަރަކާތް، އަޞްލު މަންޒަރު އެއީ ކޮން މަންޒަރެއްތޯ. އަޅުގަނޑު މިއިން ދެކިއްޖައިން، އެމް.ޑީ.ޕީ.ގެ ފުރަތަމަ މުޒާހަރާގެ ފޮޓޯ. އަދި އެމް.ޑީ.ޕީ.ގެ ބައިވަރު މުޒާހަރާތަކުގެ ފޮޓޯ. އަޅުގަނޑުމެންނަށް ފުރަތަމަ ޕާޓީ، ސިލޯނުގައި އިޢްލާނުކުރި ދުވަހުގެ ފޮޓޯ. ޕާޓީ، އިނގިރޭސިވިލާތުގައި ޙަރަކާތްތެރިވަމުން އައި ދުވަސްތަކުގެ ފޮޓޯ. މިހެންގޮސް، އަޅުގަނޑުމެންނަށް މިކަމުގައި ވަރަށްގިނަ ފޮޓޯތަކެއް ފެނިއްޖެ.

އަޅުގަނޑު ދަންނަވާނީ، ޑިމޮކްރަސީއަށް ރާއްޖެ ބަދަލުވީ، ވަރަށްބޮޑު ރައްޔިތުންގެ އުންމީދަކަށްޓަކައޭ. އަދި އެ މަގަށް އަޅުގަނޑުމެން ދާން ފެށީވެސް ވަރަށްބޮޑު ރައްޔިތުންގެ އުންމީދަށްޓަކައޭ. މިއަދު އަޅުގަނޑުމެން ކުރާ ސުވާލަކީ، އެ އުންމީދު ޙަޤީޤަތަކަށް ވެއްޖެތޯއާމެދު އަޅުގަނޑުމެން ކުރާ ސުވާލު. އަޅުގަނޑުމެން އެދުނު ބޭނުން ފުދިއްޖެތޯއޭ؟ ހަމަގައިމުވެސް، އަޅުގަނޑު ހިތުލާ ހުރި އެއްކަމަކީ، ވެރިކަން ބަދަލުވާނެކަން އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން. އަޅުގަނޑަށް އެކަން ޔަޤީންވެއްޖެ، 1990 ވަނަ އަހަރު. ވެރިކަން، އެއިރުގައި ހިނގަމުންދިޔަ ވެރިކަން ބަދަލުކޮށްލެވިދާނެ ކަމާއި އަދި އަޅުގަނޑަށް އެކަން ކުރެވިދާނެ ކަމަށް. ދެން އެއިރުން އަޅުގަނޑު ސިޓީއަކުންވެސް އަޅުގަނޑު ހަނދާންވާ ގޮތުގައި، މީހަކަށް ލިޔުނިން، މިއީ އަޅުގަނޑު ކުރާނެ ކަމެކޭ. މިކަން އަޅުގަނޑުމެންނަށް ކުރެވިދާނޭ. ރާއްޖޭގެ ވެރިކަން ބަދަލުކުރެވޭނޭ. ޞުލްޙަވެރި ސިޔާސީ ޙަރަކާތުން ގޮސް. އިންޤިލާބެއް ގެންނާކަށް ނުޖެހެއޭ. ބަޣާވާތެއް ގެންނާކަށް ނުޖެހެއޭ. އެކެއް އަނެކެއްގެ ހިތްވަރު ހޯދައި، އަޅުގަނޑުމެންގެ ބިރު ފަހަނަޅައިގޮސް، ޞުލްޙަވެރި ސިޔާސީ ޙަރަކާތުން އަޅުގަނޑުމެންނަށް މި ރާއްޖެއަށް ބަދަލު ގެނެވޭނޭ. އެ ބަދަލު ހަރުލައްވަނީ ކިހިނެއްތޯއާ ގުޅޭގޮތުން އެއިރުގައިވެސް އަޅުގަނޑުމެން ވިސްނައި ފިކުރުކޮށް ހަދަން. ރާއްޖެ ބަދަލުވެފައި އެބަހުރި ކިތަންމެ ފަހަރަކު. ކޮންމެ ވެރިއަކުން އަނެއް ވެރިއަކަށް އެއީ ބަދަލެއް. އެހެން ނަމަވެސް، ކޮންމެ ފަހަރެއްގެ ބަދަލުގައި، ކުރީ ވެރިޔާ އަރުވާނުލާ، އޭނާގެ މުޅި މިލްކިއްޔާތާއި މުދާ ނުހިފާ، އޭނާގެ އަނބިދަރިންނާއި، އޭނާގެ މުޅި ޢާއިލާ، މުޅި މި ރާއްޖެއިން ނެތިދާ މިންވަރަށް ޙަރަކާތްތައް ނުހިންގައި ދޫކޮށްލާފައި ހުރި ހަމަ އެއްވެސް ވެރިއެއް އަޅުގަނޑަކަށް ފެންނާކަށް ނެތް. ހަމަ އެއްވެސް ވެރިއެއް. ރާއްޖޭގެ އެންމެހާ ވެރިން ނުހަނު ރަނގަޅު. ދިވެހީންނަށް އެތައް އެތައް ޚިދްމަތްތަކެއް ކޮށްދެއްވި. ދިވެހީންނަށް ކިތަންމެ ކަމެއް އެ ވެރިންގެ ކިބައިން މިވަނީ ފަހިވެފައި. އެހެން ނަމަވެސް، ކުރީ ހުރި ވެރިޔާއާ ގުޅޭގޮތުން ހެޔޮގޮތުގައި، އިންޞާފުވެރި ގޮތުގައި، ރިވެތި ގޮތުގައި ނުވަތަ ދީލަތިކަންމަތީގައި، އޯގާތެރިކަމާ އެކީގައި ޢަމަލުކޮށްފައި ހުރި ވެރިއެއް ހޯދަން ހަމަ ވަރަށްދަތި.

އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒަކަށްވީ އަދި މަޤްޞަދަކަށްވީ، އެ ތައްގަނޑުން ނެއްޓުން. ކުރީގެ ވެރިމީހާއަށް އަނިޔާނުކޮށް، އޭނާއަށް އަދަބުނުދީ، އަދި އޭނާގެ މުދާ ނުހިފާ، އަދި އޭނާގެ އަނބިދަރިން ހިފާ ހައްޔަރުނުކޮށް އަދި އޭނާގެ ޅިޔަނުންނާއި، އޭނާގެ އެހެން އެހެން ހުރިހާވެސް ގާތްތިމާގެ ޢާއިލާގެ ހުރިހާ ބޭފުޅުންގެވެސް މުޅި ޒިންދަގީ ބަރުބާދުނުކޮށް، އަޅުގަނޑުމެންނަށް ވެރިކަން ކުރެވޭނެ ގޮތަކީ ކޮބައިތޯއޭ. ދެން އަޅުގަނޑު ގާތުގައި ވަރަށްގިނަ މީހުން ބުނެއުޅޭ، ހާދަހާ ސިކުނޑިޅައޭ. ދެން އެއީ އަބަދުވެސް އަޅުގަނޑު އަޑުއަހާ ވާހަކައެއް. އަޅުގަނޑުގެ ސިކުނޑި ޅަކަމުގެ ވާހަކަ. އަޅުގަނޑަށް ނުވިސްނޭކަމާއި އަދި އަޅުގަނޑު ވަރަށް އަވަހަށް ކަންކަން ކުރަމުންދާން ބޭނުންވާ ކަމުގެ ވާހަކަ. މިއީ ދެން އަބަދުވެސް އަޅުގަނޑު އަޑުއަހާ ވާހަކައެއް. އެހެންވީމާ، މިފަހަރު ކޮންމެހެން އެކަމަކުންނެއް އެހާބޮޑު ޙައިރާން ކަމެއް ނުލިބުނު. ފުރަތަމަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްދާއިރުގައި، ކުރީގެ ވެރިކަމުގެ ހުރިހާ ބޭފުޅުން ހިފާ ހައްޔަރުކޮށް ޖަލަށް ނުލަންޏާ، އެމް.ޑީ.ޕީ.އޭ ކިޔާ މީހުންނަށް ލިބޭނޭ ހަމަ އެންމެ ވޯޓެއްވެސް ނޯންނާނޭ، ވަރަށްގިނަ މީހުން ވާހަކަ ދައްކައި އުޅުނު. އެއީ ތެދުފުޅެއް. މިހާރު މަޖިލީހަށް ކުރިމަތިލާފައި ތިއްބެވި ބޭފުޅުންގެ ދެބައިކުޅަ އެއްބައި ބޭފުޅުން ހިފާ ހައްޔަރު ކުރެވުނުނަމަ، އެބޭފުޅުންނަކަށް އެ ގޮނޑިއެއް ނުލިބޭނެ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު، ދީލަތިކަމާ އެކީގައި ދޫކޮށްލީއޭ. އެއީ އަޅުގަނޑުގެ ބޮލުގައި ވަރަށް ގިނައިން މިހާރު އެޅޭ އިލްޒާމެއް. އަޅުގަނޑުމެން އިންޞާފަށް މަސައްކަތް ނުކުރީމާ އަދި ޝަރީޢަތްތައް ބާރަށް ނުހިންގީމާ، ކިތަންމެ ބައެއް އެދިޔައީއޭ. ބޭއިންޞާފުކޮށް ކަންތައް ކޮށްފައި ތިބި އެތައް އެތައް ބައެއް، ރައްޔިތުންގެ ކިތަންމެ ޙައްޤަކަށް އަރައިގެންފައި ތިބި އެތައް ބަޔަކު ސަލާމަތްވެދިޔައީއޭ. އަދި ހަމައެކަނި ދިޔައީކީއެއް ނޫނޭ. އަލުން އަނބުރާ އެބޭފުޅުން އެ ވެދެވަޑައިގެންނެވީ ޤާނޫނު ހަދާ މަޖިލީހަށޭ. އެބޭފުޅުން އެހޯއްދެވީ އެ މަޖިލީހުގެ އަޣްލަބިއްޔަތޭ. ދެން ޅަފަތުގައި އޮތް އަޅުގަނޑުމެންގެ ޑިމޮކްރަސީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ނުވަތަ އުފެދުނު ވެރިކަމަށް ތާއީދު ކުރަން އެއިރުގައި ތިބީ 25 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ސަރުކާރު ވައްޓާލުމަށްޓަކައި ދެން އިތުރަށް އެ މެންބަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ނަންގަވަން ޖެހެނީ 1 ވޯޓް.

އަޅުގަނޑުމެން ސަރުކާރު އުފެދިގެން އައީ، މިދެންނެވި ހުއްޓުމުގައި ތިބެގެން. އަދި މިދެންނެވި ފައްތަރުގައި ތިބެގެން. އެހެން ނަމަވެސް، އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން އައީ، އަޅުގަނޑުމެންގެ އަމާޒަށް ދިޔުމަށް، އަޅުގަނޑުމެން ޢަޒުމުގައި. އަޅުގަނޑުމެން ހިތުލީ ގޮތުގައި ތިބުމަށް. އެއީ ބައެއްގެ ޙައްޤަށް އަރައިނުގަތުމަށް. ބަޔަކު ހިފާ ހައްޔަރުކޮށް، ގެއްލުންދީ ނުހެދުމަށް. އަޅުގަނޑު މިހެން ދަންނަވާއިރުގައި، ހައްޔަރު ކުރުމުގެ ޕްރެޝަރ ނުވަތަ ހައްޔަރު ކުރުމަށް މަޖުބޫރުކުރާ އެތައް އެތައް ފަހަރުތަކެއް، ވަގުތުތަކެއްދޭ ބައެއްފަހަރަށް. އެހެން ފަހަރުފަހަރުގައި ކުރު މުއްދަތަށް ބައެއް ބޭފުޅުން ހައްޔަރު ކުރެވިފައި އެބަހުރި. އެއީ ދެރަ ކަމެއް. އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިދެކޭ ބަދަލު މިގެނެވެނީ، އަޅުގަނޑުމެން ޙިކްމަތްތެރިކަމާއި އަދި ކެތްތެރިކަމާ އެކީގައި މަސައްކަތް ކުރަމުން ގެންދާތީއޭ. އަޅުގަނޑުމެން އެންމެމޮޅު މީހުންނަށްވާން، އެންމެ ގަދަ މީހުންނަށްވާން، އެންމެ ފުރަތަމަ ދުވަހު އުޅުނުނަމަ، އުޅޭނަމަ، އަޅުގަނޑު ދަންނަވާނީ، މުޙަންމަދަށްވެސް މި ފޮތް ލިޔާކަށް މިއަދަކުވެސް އަދިވެސް ނުހުރީހޭ. ދެން ހަމަ ލިޔުއްވަން ޖެހޭނީ، އަނެއްކާވެސް އަލަށް އުފެދުނު ވެރިކަމުގެ ހަމައެކަނި ޖަރީޖެހި ވާހަކަތަކޭ. ވެރިކަމެއް، ޚުދުމުޚްތާރުވެދަނީ މީހެއްގެ ސަބަބަކުންނެއް ނޫން. އޭގެ ވަށައިގެން، ހަމައެކަނި މީހެއްގެ ސަބަބަކުންނެއް ނޫން. ވަށައިގެން އުފެދޭ އެތައް އެތައް ކަމެއްގެ ސަބަބުން، އެއާ ލާމެހި ގުޅުނީމާ.

އަޅުގަނޑުމެން މިހޯދި ޑިމޮކްރެޓިކް އުޞޫލުތައް ނުވަތަ ވެރިކަމުގެ ނިޒާމު އަޅުގަނޑުމެން ހޯދީ ވަރަށްބޮޑު ބޭނުމަކަށްޓަކައި. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އެހެން ނަމަވެސް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ލައިގެންކާ އެއްޗެއް ނޫން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަކަށް، މާގިނަ ބަޔަކު ނުކުމެ، މާވަރަކަށް އުޅެދާނެ ކަމަކަށް އަޞްލުގައި އިންސާނީ ޠަބީޢަތު ޤަބޫލު ނުކޮށްދާނެ. އިންސާނާ ޖުމްލަ ގޮތެއްގައި މި މަސައްކަތް މިކުރަނީ ބަނޑު ފުރުމަށް. އަންނައުނު ހޯދުމަށް. އޮރިޔާން ނިވާކުރުމަށް. އަދި އަނެއް އިންސާނާ އުފެއްދުމަށް. އަޅުގަނޑުމެން އުޅެގަތީކީއެއް އެއްވެސް ހާލެއްގައި މިދެންނެވި ހަނި ދާއިރާއެއްގައި ވިސްނަމުން މަސައްކަތް ކުރަމަކުންނެއް ނޫން. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކަށްވެފައި އޮތީ، ޑިމޮކްރަސީގެ ބޭނުމުގައި، ޑިމޮކްރަސީ އެއީ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން. ޑިމޮކްރަސީއަކީ ހަމައެކަނި އެ ލިބުނީމާ، އެހިސާބުން އެއްވެސް ކަމެއްވާކަމެއް ނޫން. އަޅުގަނޑުމެންނަށް ކަމެއް މިވަނީ، ޑިމޮކްރަސީ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވުނީމާ.

މި ރާއްޖޭގެ ވެރިކަން އަބަދުވެސް ޙިމާޔަތްކޮށްދީފައި އޮންނަނީ ވަރަށްމަދު މީސްކޮޅެއް. އެ ބައެއްފަހަރަށް ވެދާނެ، ދެތިން ޢާއިލާއަކަށް. އަނެއްބައިފަހަރު ވެދާނެ، ހައެއްކަ ސާދާގަރަކަށް. އަދި އެހެން ނޫނިއްޔާ، ދެތިން ޢާއިލާއަކާއި، ހައެއްކަ ސާދާގަރާއި އަދި ރަށުތެރޭގައި މާ ނަގާކިޔާ ދެތިން ހަތަރު މީހަކާ، މިހެން ތިބޭ އާރުކާޓީއެއް. ތިރީސް، ސާޅީސް، ފަންސާސް އަހަރު ވަންދެން ރާއްޖޭގެ ވެރިކަން އެފަދަ ބައިގަނޑުގަނޑަށް ގެންގުޅެވިފައި އެބަހުރޭ. އެހެންވީމާ، ވެރިއަކު ކިތަންމެ އިޚްލާޞްތެރިކަމާ އެކީގައިވެސް އިޞްލާޙެއް ގެންނަން މަސައްކަތް ކުރެއްވި ނަމަވެސް، އެ އިޞްލާޙަކީ ޤަބޫލުކުރެވޭ އިޞްލާޙެއް ނޫންކަމާއި، ރައްޔިތުން ބަލައިނުގަންނާނޭ ކަމާއި، ތިއީ ވަރަށް ގޯސް ކަމެއް ކަމާއި، އެއްގޮތަކަށްވެސް ކޮށްގެންނުވާނެ ކަމެއް ކަމަށް، ވެރިކަމުގެ ފަރާތަށް ދައްކައިދިނުމަކީ ވަރަށް ފަސޭހަ ކަމަކަށްވޭ. އަޅުގަނޑު ދަންނަވާނަން މިސާލެއް. ޓެކްސް. މީގެކުރީގައި އަޅުގަނޑުމެންގެ ވަރަށްގިނަ ވެރިން ދެކިތިބެނީ އެއީ ވަރަށް ރައްޔިތުން ނުރުހޭނެ ކަމެކޭ. އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ ބަޔަކު ދެކިތިބޭނީ ޓެކްސްގެ ނިޒާމަށް ވޯޓްދޭކަށް ރައްޔިތުންނެއް ނޭދޭނެއޭ. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން، އެއާ ސީދާ ދިމާ އިދިކޮޅުވާނެކަން. އެކަން އަޅުގަނޑުމެންނަށް މިއަދު މި އެނގެނީ، ޑިމޮކްރަސީ ބޭނުންކޮށްގެން، އެވަސީލަތް މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވޭތީވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި، އެ ބަޙުޘް އަޅުގަނޑުމެންނަށް ހިންގޭތީވެ. އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ، ދިވެހި ދައުލަތަކީ ފުއްދުންތެރި ދައުލަތަކަށްވާންކަން. ހާސްކަމެއް ނެތް ދިރިއުޅުމެއް އުޅެންކަން. އެ ދިރިއުޅުން ލިބޭނީ، ދައުލަތުގެ އާމްދަނީ އިތުރުވެގެންކަން.

މި އާމްދަނީ އިތުރުކުރާ ވާހަކައާއި، ޓެކްސް ނަގާ ވާހަކައާއި އަދި މިބާވަތުގެ އެންމެހާ ވާހަކަތައް، އަޅުގަނޑުމެންނަށް ދެއްކުމުގެ ފުރްޞަތު މި ލިބުނީ ޑިމޮކްރަސީ ލިބުނީތީވެ. އެ ޑިމޮކްރަސީއަކީ ލައިގެންކާ އެއްޗަކަށް ނުވިޔަސްވެސް، ޓެކްސްއިން ލިބޭ ފައިސާއަކީ ލައިގެންކާ އެއްޗެއް. އެ ހޯދުމަށްޓަކައި އަޅުގަނޑުމެން މި ބޭނުންކުރަނީ، ޑިމޮކްރެޓިކް ނިޒާމެއް. އަޅުގަނޑު މިބާވަތުގެ ރެއެއްގައި، އަޅުގަނޑަށް ވަރަށްގިނަ ވާހަކަ ދެކެވިދާނެ. އަޅުގަނޑު އެހެން ނަމަވެސް، ވާހަކަ ކުރުކޮށްލާނަން.

އަޅުގަނޑު އަނެއްކާވެސް، މިކަން ހިނގާދިޔަގޮތަށްވުރެ ބޮޑަށް، ފޮތާ ގުޅޭގޮތުން، ފޮތުގެ ބައްޓަމާ ގުޅޭގޮތުން އަދި ފޮތް އަތުރާލާފައި އޮތްގޮތާ ގުޅޭގޮތުން އަޅުގަނޑު ހިތުން އަޅުގަނޑުމެން ވިސްނާލުމަކީ ބޭނުންތެރި ކަމަކީ. އެއީ މުޙަންމަދަކީ އަބަދުވެސް ރަނގަޅަށް ލިޔާ ބޭފުޅެއް. ދެން އެކަމަކާ އެއްވެސް ޝައްކެއްނެތް. ވަރަށް ކުރިއްސުރެ ފަށައިގެން މުޙަންމަދު ލިޔުއްވާ. ދެން ފަހުން އައިސް [ފިޔެސް] ގައި ލިޔަން ފެށީ، އަޅުގަނޑު ޙަޤީޤަތުގައި ރާއްޖެއިން ބޭރުގައި އުޅެނިކޮށް. ދެން އެހެން ނަމަވެސް، އަޅުގަނޑަށް އެ [ފިޔެސް] ގައި ލިޔާތަންވެސް އެބަ ފެނޭ. މުޙަންމަދު މަދްރަސާގައި ލިޔުނުތަންވެސް އަޅުގަނޑު ބައެއް އެއްޗެތި ކިޔިން. ދެން [ފިޔެސް]ގައި ލިޔަން ފަށައި، އެ މަޖައްލާގައި ލިޔަން ފަށާފައި ހުރި ލިޔުންތަކާއި، މިފޮތުގައި ހުރި ބައެއް ތަފާތު އަޅުގަނޑަށް ފާހަގަވޭ، އަޅުގަނޑު ފޮތް ބަލައިލިއިރު. ފޮތް އަޅުގަނޑަށް މި ކްރޮނޮލޮޖިކަލީ ނުވަތަ ތާރީޚަށް ވަރަށް ރަނގަޅަށް އަތުރާލާފައި އޮތްކަން. ކަމާގުޅޭ މައިގަނޑު ކަންކަން ފޮތުގެ ތެރޭގައި ހިމެނިފައިވާކަން. އަދި ކިޔާހިތުން ފޮތް ކިޔާލެވޭކަން. ދެން އަޅުގަނޑު ބައެއްފަހަރަށް ޢަޖައިބުވަނީ، މުޙަންމަދު އެހެރީ އެޑިޓްކޮށްފަބާއޭ އަޅުގަނޑުމެން ދައްކާފައި ހުރި ވާހަކަ. ހަމަ ސާފުކޮށް ދެއްކިފައި އެބަހުއްޓޭ. ދެން އަޅުގަނޑުމެން ހިއެއްނުކުރަން، އެހާ ސާފުކޮށް ވާހަކަ ދެއްކޭ ކަމަކަށް. އެހެން ނަމަވެސް، ބަސް ތަކުރާރުނުކޮށް އެބަހުރި ބައެއްފަހަރަށް ބައެއް ތަންތަނުގައި ވަރަށް ސާފުކޮށް ބުނެވިފައި. ހަމަ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންވެސް އެފަދަ. އެބޭފުޅުންގެ ބަސްތައްވެސް އެބަހުރި، ހަމަ އެހާ ފަށުވިކޮށް، އެހާ ފަރިކޮށް.

ދެން އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލިސް، އެއިރުގައި ހިނގަމުން އައިގޮތާއި އަދި އަޅުގަނޑަށް މިތަނުން ވަރަށްގިނަ ބޭފުޅުން އެބަ ފެނޭ، ޝަފީޤުވެސް އެބަ ފެނޭ، މާރިޔާވެސް އެބަ ފެނޭ، ފުވައްމުލަކުގެ ޢިއްޒަތްތެރި މެންބަރު ޝަރީފްވެސް އެބަ ފެނޭ. އަޅުގަނޑު ވަރަށްގިނަ ބޭފުޅުން، އިލްޔާސްވެސް އަޅުގަނޑަށް އެބަ ފެނޭ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އެއިރުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުން، ގެންދެވީ ތާރީޚީ މަސައްކަތެއް ކުރައްވަމުން. ދެން ފަހަތަށް އައިސްފައި އަޅުގަނޑުމެން ބަލައިލާފައި، އެއިރުގައި އަޅުގަނޑުމެންނަށް ހިތަށްއަރާ، މިމަޖިލިސް މިއޮންނަނީ އަބަދު ހުއްޓިފައޭ. އެއިން ކަމެއް ނުވެއޭ. މިކަމެއް އެއްގޮތަކަށް ނުވާނެއޭ. މިހެންނޭ، އެހެންނޭ، އަޅުގަނޑުމެން އެއިރުގައި ހިތަށްއަރާ، މަޖިލިސް ހުއްޓިފައި އޮންނާތީވެ، މަޖިލީހުން ކަމެއް ނުކުރެވޭނެ ކަމަށް. ނުވާނެ ކަމަށް. އެހެން ނަމަވެސް، އަޅުގަނޑުމެން، ޢަބްދުއްލަޠީފްވެސް އެބަ ހުންނެވި. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިފެނުނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެންމެފަހުން އައިސް، ޤާނޫނުއަސާސީ އިޞްލާޙު ކުރެވި، އެ ޤާނޫނުއަސާސީއާ އެއްގޮތަށް ފުރަތަމަ ރިޔާސީ އިންތިޚާބު ބޭއްވި، ޒަމާންވީ ދިގު 30 އަހަރުގެ، ރައީސް މައުމޫންގެ ވެރިކަން ބަދަލުވިކަން. މިފޮތް އައިސް ހުއްޓެނީ އެދެންނެވި ހިސާބަށް. ދެން އަޅުގަނޑަކީ ކޮންމެހެނެއްވެސް މުޙަންމަދުގެ މަފްޙޫމާ ގުޅޭގޮތުން ފޮތުގެ ސުވާލުކުރާނެ މީހެއް ނޫން. ޑިމޮކްރަސީ އަތުވެއްޖެތޯ. ދެން ކުރާން އޮތް ކަމަކީ ހަރުދަނާ ކުރުންތޯ.

ދެން އަޅުގަނޑު ދަންނަވަން އޮތް، އެކަމާ ގުޅޭގޮތުން ހަމައެކަނި ވާހަކައަކީ، ކޮންމެ ގޮތެއްވިޔަސްވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި ގޮސް ހުއްޓޭނީ، އެންމެފަހުން އައިސް ޑިމޮކްރަސީގައޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު އެއްޗެއް އޮއްބާލެވިދާނެ. ތިރިކޮށްލެވިދާނެ. ފިއްތާލެވިދާނެ. އެހެން ނަމަވެސް، އެ ހަމަ ލޮނުގަނޑު އަރަން، ފެންގަނޑު އަރަން އޮތް ހިސާބަށް ހަމަ އަރާފައި، އަބަދުވެސް ފެންގަނޑު ހުއްޓޭނީ. ދިޔަވަރަށް ފެންގަނޑު އަރާނީ. ހުރިހާ ފެނެއްގައިވެސް ދިޔަ ހުންނާނީ އެއްވަރަށް. އިންސާނިއްޔަތު ދަތުރުކުރަމުން މިދަނީ، ފިޠުރަތުގެ އުޞޫލަކީ ހެޔޮގޮތުގައި ގޮސް ހުއްޓުން. އެހެންވީމާ، އަޅުގަނޑު އަބަދުވެސް ދެކޭނީ، ސީރިއާވެސް، މިޞްރުވެސް، ލީބިޔާވެސް އަދި އެހެން ތަނެއްވިޔަސްވެސް، އަބަދުވެސް ގޮސް ހުއްޓޭނީ ޑިމޮކްރަސީއަށް ކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

3 ޖުލައި 2011، ރިފަރެންސް: PRO/RMN/2011/155

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: